ތަޢާރަފު
ކެތްތެރިކަމަކީ ވަރަށްނާތް އަދި އެހާމެ
ރީތި ސިފައެކެވެ. ﷲ ފޮނުއްފި ހުރިހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންވަނީ
ނިސިފައިން ޖަރީކުރައްވާފައެވެ. އަދި މިރީތި ސިފަ އެންމެހާ މުސްލިމުންގެ
ކިބައިގައި ހުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. ވީމާ އެންމެ ފުރަތަމަ
ކެތްތެރިކަމަކީ ކޮބައިތޯ ބަލާލަން އެބަޖެހެއެވެ. ކެތްތެރިކަމަކީ ހަވާނަފްސާއި
ޝައިޠާނީ ގޮވުންތަކަށް އިޖާބަދިނުމަކާނުލައި، ޙައްޤުގޮތުގައި ސާބިތުވުމެވެ.
ކީރިތި ޤުރުއާނުން
ކެތްތެރިކަން
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [٢:١٥٣]
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.
وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [٨:٤٦]
އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ!
ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ [٢:٤٥]
އަދި ކެތްތެރިކަމާއި ނަމާދުން
ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ
މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ [٢٠:١٣٢]
އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ.
وَمَا تَنقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَا ۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ [٧:١٢٦]
ތިމަންމެންގެ ކިބައިން
ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!
ސުސްނަތުން ކެތްތެރިކަން
ކެތްތެރިކަން ބެހިގެންވާ
ބައިތައް
ކެތްތެރިކަން ތަފާތު އެކިބައިބަޔާއި އެކި
ފަންތި ތަކަށް ބަހާލެވިދާނެއެވެ. އެގޮތުން އެންފާހަނގަކޮށްލެވޭ ބައިތަކަކީ،
މުސީބާތްތަކަށް ކެތްކުރުމާއި، ނިޢުމަތުގެ ވަގުތުގައި ކެތްކުރުމާއި، ކުރާ
އަޅުކަންތަކާއި ކަންކަމުގައި ކެތްތެރިވުމެވެ.
މުސީބާތްތަކަށް ކެތްކުރުން
މުސީބާތްތަކަށް ކެތްކުރުމަކީ އެމީހަކާ
ދިމާވާ އެންމެހާ ދަތި އުނދަގޫ ކަންތައް ތަކުގައި ﷲ އާއި ވަކީލުކޮށް، އެކަންތަތައް
ހިނގަނީ ﷲ ގެ ގަޟާގަދަރުގެ ދަށުންކަމަށް އީމާންވެ އެކަމުގެ އުނދަގޫތަކުން ދުރުވެ
ހިތް ސާފުކޮށް ގަތުމެވެ. މިސާލަކަށް ގާތް ތިމާގެ މީހަކުމަރުވުން ފަދަކަމެއް
ދިމާވުމުން، އެކަމަކީ ﷲ ލިޔުއްވާފައިވާގޮތަސް ހިނގާދިޔަ ކަމެއް ކަން ޤަބޫލުކުރުމާއި،
ﷲ ވަނީ ޣާފިލުވެވޮޑިގެންނޫންކަމާއި، މަރުވި ގާތްތިމާގެ މީހާނެތަސް ތިމާގެ ކަންކަން
ކޮންމެވެސް އެހެން މަގަކުން ވާނެގޮތް ﷲ މިންވަރު ކުރައްވާނެކަމަށް
އުއްމީދުކުރުމެވެ. ނުވަތަ ﷲ އަށް ވަކީލުކުރުމެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ
ކުރިން އެކަލޭގެފާނުގެ ބައްޕާފުޅު ނިޔާވެއްޖެއެވެ. އަދި އުމުރުފުޅުން
މާގިނަދުވަހެއް ނުވަނީސް މަންމާފުޅުވެސް އަވަހާރަވެއްޖެއެވެ. އަދި ހަމަ އެހާމެ
ކުޑައިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. އަދި އެއަށްފަހު ރަސޫލުކަމުގެ އެއްމެ
ދަތި ދުވަސްވަރު، އެކަލޭގެފާނަށް ހިމާޔަށްދެއްވަމުންގެންދެވި ބޮޑުބޭބެ
އަބޫޠޯލިބުގެފާނާއި އަނބިކަނބަލުން ޚަދީއްޔަތުގެގާނުވެސް އަވަހާރަވެއްޖެއެވެ.
ނަމަވެސް މިހުރިހައި މުސީބާތަކަށް އެކަލޭގެފާނު ކެތްކުރެއްވިއެވެ. އަދި ﷲ
ގެދީންފެތުރެއްވުމުގެ ކަންތަކަށް އެއްވެސް ހީނަރުކަމެއް އަޔަކަ ނުދެއްވިއެވެ.
އެއަށްފަހު، ދީނަށް އުޅުމުގެ ސަބަބުން
ދިމާވާ ތަފާތުއެކިއެކި މުސީބާތްތަކަށް ކެތްކުރުމަކީވެސް ކެތްތެރިކަމުގެ
މަތީދަރަޖައެކެވެ. އެގޮތުން، އިސްލާމްދީނަށް އުޅުމުގެ ސަބަބުން އެކިޒަމާން
ތަކުގައި އެކިއެކި ބޭފުޅުންނަށް ތަފާތުއެކިއެކި އަޒާބުތައް ލިބިފައިއ ެބަހުއްޓެވެ.
އެގޮތުން މައްކާދައުރުގައި ބިލާލުގެފާނާއި އައްމާރުބިން ޔާސިރުމެންފަދަ ނިކަމެތި
ބޭފުޅުންނށް މައްކާގެ މުޝްރިކުން ކުރިމަތިކުރި ވޭންދެނިވި އަނިޔާތަް
ފާހަނގަކުރެވެއެވެ. ނަމަވެސް އެބޭފުޅުން އިސްލާމް ދީން ދުލެއް ނުކުރައްވައެވެ.
އެބޭފުޅުން އިސްކުރެއްވީ ކެތްތެރިކަމެވެ. އަދި މީގެއިތުރަށް، ފިރުޢައުނުގެ
އަނބިކަނބަލުން އާސިޔަތުގެފާނުގެ ކެތްތެރިކަމަކީވެސް އަޅުގަނޑުމެންނަށްވާ
ނަމޫނާއެކެވެ. އެގޮތުން ފިރުޢައުނަށް އަޅުކަންނުކޮށް ﷲއަށް އަޅުކަންކުރާތީ،
ފިރުޢައުނުގެ ފަރާތުން އެކަމަނާއށް ކުރިމަތިކުރި އެންމެހާ އަނިޔާތަކަށް އެކަމަނާ
ކެތްތެރިވެވަޑައިގަތެވެ. އެއަނިޔާގައި އެކަމަނާގެ ފުރާނަފުޅާއި ހަށިގަނޑާއި
ވަކިވެގެންދިޔައިރުވެސް އެކަމަނާގެ ކެތްތެރިކަން ކޮޅަކުން ނުލިއެވެ. އެހެންވެ
ކީރިތި ޤުރުއާނުގައި ﷲވަނީ އާސިޔަތުގެފާނަކީ، އަޅުގަނޑުމެންނަށްވާ
ނަމޫނާއއެއްކަމުގައި އަންގަވާފައެވެ.
ފާފަތަކަށް އަރާނުގަތުމުގައި
ކެތްތެރިވުން
ކެތްތެރިކަމުގެ މިވައްތަރަކީ، މުސީބާތުގެ
ވަގުތުގައި ކެތްކުރުމަށްވުރެ ދަތިއުނދަގޫ ކަމެކެވެ. ސަބަބަކީ، މުސީބާތުގައިވާ މީހާއަށް
ކެތްކުރުން ނޫންގޮތެއް ނެތީމައެވެ. އޭނާއަށްވަނީ ކެތްކުރަން މަޖުބޫރުވެފައެވެ.
ނަމަވެސް، މުސީބާތެއް ނުޖެހި ފާފައެއް ކުރެވޭނެ މަގުފަހިވެފައިވާ މީހާ، އެކަމަށް
ކެތްތެރިވެ އެފާފައިން ރައްކާތެރިވެގަތުމަކީ ވަރަށް މާތް ސިފައެކެވެ. މިސާލަކަށް،
އެއްވެސް މީހަކަށް އެނގުމުގެ އެއްވެސް ފުރުސަތެއް ނެތް ހިސާބެއްގައި ހުއްޓާ،
ތިމާހިތްކިޔާކަހަލަ މީހަކު ޒިނޭއަށް ދަޢުވަތު ދިނުމުން، އެކަމަށް ކެތްތެރިވެ، ﷲ ހަދުމަކޮށް އެފާފައިން
ދުރުވެގަތުމަކީ ކެތްތެރިކަމުގެ މަތީ ދަރަޖައެކެވެ. މިކަމުގެ އެންމެފުރިހަމަ
މިސާލަކީ ޔޫސުފުގެފާނުގެ ވާހަކައެވެ. ހަސަބާއި ނަސަބާއި ރިތިކަމުގެ ގޮތުން
އަރާހުރި އަންހެނަކު، އެއްވެސް މީހަކަށް ނޭނގޭނެހެން އެކަލޭގެފާނަށް
ނުބައިކަންތަކެއް ކުރުމަށް ދަޢުވަތު ދިނެވެ. ނަމަވެސް އެކަލޭގެފާނު އެކަމަށް
ކެތްކުރައްވައި ﷲ އަށް ބިރުވެތިވެވަޑައިގެން އެފާފައިން
ސަލާމަތްވެވަޑައިގެންނެވިއެވެ. އަދި އެންމެފަހުން ޖަލަށް ވަންނަންވެސް
ޖެހިވަޑައިގަންނަވަން ޖެހިވަޑައިގަތްއިރުވެސް އެކަލޭގެފާނު އިސްލުރެއްވީ
ކެތްތެރިކަމެވެ.
އަދިހަމައެގޮތަށް ރުޅިއަންނަވަގުތުގައި
ރުޅިކޮންޓރޯލްކޮށް، ހަވާނަފްސަށް ތަބާނުވެ ތިމާގެ ބުއްދި އިސްކުރުމަކީވެސް
ކެތްތެރިކަމުގެ މަތީ ދަރަޖައެކެވެ. އަދި ތިމާޔަށްވުރެ ހުރިހައިގޮތަކުންވެސް
ބަލިމީހަކުދެކެ ރުޅިއަންނަހިނދު، ކެތްތެރިވެ ﷲ އަށްޓަކައި އެމީހާއަށް މާފްކުރުމަކީ، ކެއްތެރިކަމުގެ
އެއަށްވުރެވެސް މަތިދަރަޖައެކެވެ. މީގެ އެންމެރީތި މިސާލަކީ، މައްކާ ފަތަޙަ
ކުރެއްވި ދުވަހެވެ. 13 އަހަރުވަންދެއް ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް
އަނިޔާކުރި މީހުންގެ މައްޗަށް މުސްލިމުންނަށް ކުރި ލިބުނުހިނދު، އެކަލޭގެފާނު
އިސްކުރެއްވީ ކެއްތެރިކަމެވެ. އަދި ސަޙާބީންނަށްވެސް އަންގަވާފައިވަނީ އެއްވެސް
މީހަކަށް ނުޙައްގުން އެއްވެސް އަދަބެއް ނުދެއްވުށެވެ. އަދި އެއަށްފަހު މައްކާގެ
މީހުންނަށް މާފްދެއްވިއެވެ. ޖަޒްބާތުގައިޖެހިވަޑައިގެން ހުރިހައި މުޝްރިކުންގެ
ބޯކަނޑާކަށް ނާންގަވައެވެ.
އަދި ހަމައެގޮތަށް ތިމާގެ އަބުރާއި ބެހި،
ތިމާގެ އަގުވައްޓާލުމަށްޓަކައި ތަފާދުވާހަކަތަށް ދެކެވޭ ހިނދެއްގައި އެކަމަށް
ކެތްކޮށްގެން ތިމާކުރަމުންދާ ކަމެއްގައި ސާބިތުވުމަކީވެސް ކެތްރެރިކަމުގެ މަތީ
ދަރަޖައެކެވެ. މީގެ އެއްމެ ފުރިހަމަ މިސާލަކީ، ލޮބުރަސޫލާ އާއި ބެހޭގޮތުން
މައްކާގެ މުޝްރިކުން ފެތުރި ބުހުތާނު ދޮގު ޚަބަރުތަކެވެ. އެކަލޭގެފާނަކީ،
ދޮގުވެރިއެއްކަމާއި، ސިޙުރުވެރިއެއްކަމާއި މޮޔައެއްކަމަށް އެބައިމީހުން
އަޑުފަތުރައި އެކަލޭގެފާނުގެ ޝަޚްސިއްޔަތު ފަނޑުކޮށްލުމަށްޓަކައި ގިނަގުނަ
މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އެކަލޭގެފާނު
ސަމާލުކަމެއް ނުދެއްވިއެވެ. އަދިކިއެއް، އެކަލޭގެފާނު ގެންދެވީ ﷲ ގެދީނަށް
ދަޢުވަތުދެއްވުމުގެ ބުރަމަސައްކަތް ކުރައްވަމުންނެވެ. އެމީހުންގެ ވާހަކަތަކަށް
ކެތްނުވެގެވެން އެކަލޭގެފާނު، ދީންފެތުރުމުގެ މަސައްކަތް ހުއްޓައެއް ނުލައެވެ.
ކުރާޢަމަލުތަކުގައި
ކެތްތެރިވުން
އަމަލުގައި ކެތްތެރިވުން އިތުރު ދެބަޔަކަށް
ބާހާލެވިދާނެއެވެ. އެއީ އަޅުކަމާއި އެހެނިހެން މަސައްކަތެވެ. އަޅުކަމުގައި
ކެތްތެރިވުމަކީ، އޭނާ ކުރާ ޢަމަލެއްގައި ސާބިތުވުމެވެ. ހަފްތާއަކު ނަމާދުކޮށްފައި
ހުއްޓާލުމެއް ނޫނެވެ. ދެވަސްކޮޅަކު ބުރުގާއަޅައި ނުވައިވެގެން އުޅުމަށްފަހު،
އެބުރުގާ ނަގާލުމެއްނޫނެވެ. އަދި ހަމައެގޮތަށް އެހެނިހެން ޢަމަލުގައި
ކެތްތެރިވުމަކީ، ދިރިއުޅުމަށްޓަކައި
ކުރާމަސައްކަތުގައި ކެތްތެރިވުމެވެ. މިސާލަކަށް ވަޒީފާޔަށް ބަރާބަރަށް ގަޑިނުޖެހި
ދިޔުމާއި، ފަރުވާތެރިކާމާއި އަމާނާތްތެރިކަމާއިއެކު ވަޒީފާ އަދާކުރުމުގައި
ކެތްތެރިވުމެވެ. ކީރިރި ރަސޫލާގެ ޙަދީސްފުޅެއްގައި، ﷲ ޙަޟުރަތުގައި އެންމެ
ލޯބިވެވޮޑިގެންވާ ޢަމަލަކީ، މެދުކެނޑުމެއްނެތި ސާބިތުކަމާއިއެކު ކުރެވޭ
ޢަމަލުކަމުގައި އައިސްފައިވެއެވެ.
މިޒަމާނުގައި ކެތްތެރިކަން
ކެތްތެރިކަމަކީ މިޒަމާނުގައި މަދުންނޫނީ
ނުފެންނަ ސިފައެކެވެ. އަބަދުވެސް މިއިވެނީ ކޮންމެވެސް ބަޔަކު ޝަކުވާކުރާ އަޑެވެ.
ތިމާބޭނުން ވާގޮތާއި ޚިލާފަށްހިގާ، އާދައިގެ ކުޑަކުޑަކަންކަމުގައިވެސް މިއިވެނީ
ހަޅޭލަވައި މުޒާހަރާކޯށް ޙާއްޤުލޯދަން ވަކާލާތުކުރާއަޑެވެ. ކެތްތެރިކަން އިސްކޮށް
ﷲ ގެނިޔާއަށް ރުހުމުގެ ސިފާ މިއަދަކު ނުފެނެއެވެ. މިދެންނެވީ ކުދިކުދި
ކަންތައްތަކޔގެވާހަކައެވެ. ނަމަވެސް ބޮޑެތިކަންތައްތަކުގައި އެއްގޮތަކަށްވެސް
ކެތްތެރިވާތަނެއް ނުފެނެއެވެ. މީހަކުދެކެ ރުޅިއައުމާއިއެކު، އެމީހާއާއިއެކު
މާރާމާރީ ހިންގަނީއެވެ. ނުވަތަ އެމީހާ މަރާލަނީއެވެ. އަބިމީހާދެކެ ރުޅިއައުމާއެކު،
ހަޅޭލަވައިގަންނަނަނީއެވެ. ތަޅަނީއެވެ. ނުވަތަ ވަރިކުރަނީއެވެ. ވަޒީފާއެއް
އަދާކުރާކަމަށްވަންޏާ، ޚިޔާނާތްތެރި ނުވާމީހަކު މަދުވެއްޖެއެވެ. މީހުންގެ މުދަލޫގެ
މައްޗަށް އަމާނާތްތެރިވެ، ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަނުދީ
ކެތްތެރިކަންއިސްކުރާ ބަޔަކުމިއަދު ނުފެންނަކަހަލައެވެ.
މަސްތުވަވާތަކެއްޔާއި ޒިނޭފަދަ
ފާޙިޝްޢަމަލުތަކަށް އަރައިގަތުމުގައިވެސް މިއަދުމިވަނީ ހައްދުފަހަނަޅައި
ގޮސްފައެވެ. ދުނިޔެއިން ލީބޭކުޑަކުޑަ ލައްޒަތަކަށް ކެތްކޮށް ސުވަރުގޭގެ
އަރާމުހޯދުމަށް މަސައްކަތްކުރެވޭހައި ހިތަވަރެއް ތިބިބަޔަކު މިއަދު ނުފެންނަ
ކަހަލައެވެ.
ހައްލު
ކޮންމެ މައްސަލައެއްގެވެސް ޙައްލަކީ
އިސްލާމްދީނެވެ. އެގޮތުން މިމައްސަލާގެވސް ޙައްލަކީ، ކީރިތި ޤުރުއާނާއި
ސުންނަތުގައި ހިފައި، ކީރިތި ރަސޫލާ ދެއްކެވޮި ނަމޫނާއާއިއ އެއްގިތަށް އުޅުމެވެ.
އަދިއެއަށްފަހު އަޅުގަނޑުމެންގެ ތުއްތުކުދިންވެސް އެމަގުން ތަރުބިއްޔަތު ކުރުމެވެ.
އީމާންކަމަކީ ކޮބައިކަން ދަސްކޮށްދިނުމެވެ. އީމާންކަމުގެ ހަރުކުން، މިހާރަށްވުރެ
ތަފްސީލުކޮށް ސްކޫލްތަކުން ކިޔަވައި ދިނުމްވެ. އަދި ވަކިން ޚާއްޞަކޮށް
ޤަޟާގަދަރުގެ ކަންކަން މިހާރަށްވުރެ ތިލަކޮސް ކިޔައި ދިނުމެވެ. އަދި މިފަދަ
ދަރުސްތަކާއި ވޯކްޝްޕްތައް ބޭއްވުމެވެ.
ނިންމާލުން
ކެތްތެރިކަމަކީ، އެއާއިނުލައި
އަޅުގަނޑުމެންނަށް ކާމިޔާބުގެ އައްސޭރިއާއިހަމަޔަށް ވާޞިލުނުވެވޭވަރުގެ މުހިއްމު
އެއްޗެކެވެ. ނަބީބޭކަލުންގެ މިޞިފައިން ޞިފަ ލިބިގެންވާ މީހުންނަށް ސުވަރުގެ
މަތިވެރިނިޢުމަތް ލިބޭނެކަމުގެ އުފާވެރި ޚަބަރު ކީރިތި ޤުރުއާނުގައި ﷲ ދެއްވާފައި
ވެއެވެ. وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا [٧٦:١٢] މާނަ: "އެއުރެން
ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ
ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ."
No comments:
Post a Comment